މިހާރު ހުރި ގަވައިދުތަކުން މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން ހުއްދަ ނުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެހެން ވިދާޅުވެފައިވާ އިރު، މަޖިލީހުގެ ޖަލްސާތައް މާދަމާ އިން ފެށިގެން މަޖިލިސް ތަޅުމުގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.
"ޑީޖީއަށް ގާނޫނު ލިބިދޭ ބާރުގެ ތެރެއިން ލޮކްޑައުންގެ ހާލަތަށް މާލެ ގެންދިއުމަށް އަމުރެއް ނެރުއްވާފައިވަނީ. އަދި މިކަމާ ގުޅިގެން ފަސް ލިޔުމެއް ނެރުއްވާފައިވޭ. އޭގެ ތެރެއިން ބައެއް ލިޔުންތަކުގައި މިކަމުން މިވަގުތު އިސްތިސްނާތަކެއް ދެވިފައިވާ ބަޔަކު ތިބޭ. އިސްތިސްނާ ދެވޭނެ ހާލަތްތަކެއް ވެސް މި ގާނޫނުގެ ތެރެއިން އޮވޭ. މިކަމުގައި މިހާތަނަށް އައި އިރުގައި މީގެ ފެކްޓަކީ އަދި އިތުރު ވާހަކައެއް ދެއްކިފައެއް ނުވޭ،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ވަޒީރަކު ވެސް ރަސްމީ މަސައްކަތެއްގައި ގެއިން ބޭރަށް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެންފި ނަމަ، އެބޭފުޅުންނަށް ނުކުމެވެނީ ފުލުހުންގެ ހުއްދައަށް އެދި ހުއްދަ ލިބުމުން ކަމަށެވެ.
"އެހެންވީމާ މީގެ ތެރެއިން އެބޭފުޅުން (މަޖިލިސް މެންބަރުން) ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް ކުރުމަށް ޖާގަ ލިބޭނެ ކަހަލަ ގޮތްތަކެއް އެބަހުރި. އެހެންނަމަވެސް ގާނޫނީ ގޮތުން މިކަމުގައި ކުރިއަށްދާނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.
މާލަމުގައި މަޖިލިސް ޖަލްސާތައް މާދަމާ ކުރިއަށްގެންދަން ފަށާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ.
މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
ވޯޓުލުމުގައި ވެސް އަމަލު ކުރަމުންދާނީ އެގޮތަށް، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވެދެވަޑއިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މާލަމުން ނިކުމެ ވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.