ކުއްލި ޚަބަރު

އެޗްޕީއޭގެ ހުއްދަ ނެތި މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން ގާނޫނާ ހިލާފު: އަލީ ހުސެއިން

އަލީ ޔާމިން

1

އެޗްޕީއޭގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުން ގާނޫނާ ހިލާފު ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ ހުސައިން މިހެން ވިދާޅުވެފައިވާ އިރު، ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވީ ނަމަވެސް، މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފަށަން ވަނީ ނިންމައިފައެވެ.

މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ޖަލްސާތައް ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށާއި އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ޖަލްސާތައް ފަށާއިރު، މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެއެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލިސް ތަޅުމުގައި ޖަލްސާތައް ފެށުމަށް ނިންމުމާ ގުޅިގެން މެންބަރު އަލީ ހުސައިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ފުރަަތަމަ ދައުރުގެ 40 ވަނަ ޖަލްސާ މާދަމާ މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް އެޖެންޑާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟