އަލީ ޔާމިން
މެންބަރުންނަށް މަޖިލިސްކުރާ ގެޔަށް އެއްވެވޭނީ އެކަމަށް އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށާއި ގާނޫނީ އަމުރަށް ތަބާވާން ޖެހޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެންބަރު އުޝާމް މިހެން ވިދާޅުވެފައިވާ އިރު، މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ލޮކްޑައުން ނިމެންދެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ނުބާއްވާ މަޑުކުރަން ދަތިފުޅުވާކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވާނީ މަޖިލިސް ކުރާގޭގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދު ލޮކްޑައުންގެ މުއްދަތު ހަމަވާން ދެ ދުވަހަށްވެފައިވާ އިރު، މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފެށުމަށް ނިންމުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖިލިސް ޖަލްސާތައް ބޭއްވުމަށްޓަކައި، މަޖިލިސް ކުރާ ގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގާނޫނީ އަމުރުތަކަށް ތަބާވާން ޖެހޭ،" އުޝާމް ވިދާޅުވިއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމާއެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ މެދުކަނޑާލިއެވެ. އޭގެ ފަހުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާދަމާ ޖަލްސާތައް ފަށާއިރު، މާލަމުގެ އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާނެއެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ.