ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާއެއް ނުކުރޭ: މަބްރޫކް

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާ ނުކުރާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އެހެން ވިދާޅުވެފައިވާ އިރު، މަޖިލީހުގެ ޖަލްސާތައް މާދަމާ އިން ފެށިގެން މަޖިލިސް ތަޅުމުގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.

"އެންއީއޯސީއަކާ އެއްވެސް ވަރަކަށް މިކަމުގައި މަޝްވަރާއެއް އަދި ހިނގާފައެއް ނުވޭ. އަޅުގަނޑު ހިތުން އެބޭފުޅުން އެކަން ކުރައްވާނީ މިކަމުގައި ހުންނަ ގަވައިދުތަކުގެ ތެރެއިން އެކަމާ ބެހޭ މަޝްވަރާތައް ކުރުމަށްފަހު. އެހެންނަމަވެސް އަދި އެއްވެސް އޮފިޝަލް ކެޕޭސިޓީއެއްގައި މިފަދަ ކަމެއް ކުރެވިފައި ނުވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މަޖިލިސް އިދާރާ އިން އެންއީއޯސީއަށް ގުޅި ކަމަށާއި ނަމަވެސް މަޖިލީހުން ގުޅާފައިވަނީ ލޮކްޑައުން ލުއިކުރާ ތާރީހާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ކަމަށެވެ. އަދި މަޖިލިސް ޖަލްސާތައް ފެށުމާ ގުޅޭގޮތުން ވާހަކަދައްކާފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލަމުގައި މަޖިލިސް ޖަލްސާތައް މާދަމާ ކުރިއަށްގެންދަން ފަށާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އާއްމު ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ޖަލްސާކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ.

މެންބަރުން އިށީންދެ ވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި ކަމަށާއި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ވޯޓުލުމުގައި ވެސް އަމަލު ކުރަމުންދާނީ އެގޮތަށް، ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވެދެވަޑއިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މާލަމުން ނިކުމެ ވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެންބަރުން މާލަމަށް ވެދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.