ކުއްލި ޚަބަރު

ކޮވިޑު ޖެހިފައި ވަނިކޮށް މަރުވި ފުރަތަމަ މީހާގެ ސާމްޕަލް ނެގުމުގައި ލަސްތަކެއް ހުރި: ޑރ. ނަޒްލާ

ކޮވިޑު ޖެހިފައި ވަނިކޮށް މަރުވި ފުރަތަމަ މީހާގެ ސާމްޕަލް ނެގުމުގައި ލަސްތަކެއް ހުރި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުއްޖެއެވެ.

ކޮވިޑް 19އަށް ޕޮޒިޓިވްވެ ރާއްޖެއިން މަރުވި ފުރަތަމަ މީހާއަކީ އައިމިނަތު އާދަމް ކިޔާ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ޕޭޝަންޓް 126 އާ ގުޅުން އޮތް މީހެކެވެ. ޕޭޝަންޓް 126 ޕޮޒިޓިވް ވެފައިވަނީ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ގެ ހުރީ މޮނީޓަރިން ހާލަތުގައެވެ.

ނަމަވެސް ދުވަސްވީ އަދި އެހެން ބަލިތައް ވެސް ހުރި އައިމިނަތު އާދަމްގެ ސާމްޕަލް ނަގާފައިވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އޭނާ މަރުވީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސި 7:30 ހާއިރުއެވެ. ނަމަވެސް ސާމްޕަލްގެ ނަތީޖާ ލިބުނީ މަރުވި ފަހުންނެވެ.

އެކަމާ ގުޅިގެން، މޮނީޓަރިންގެ ހާލަތުގައި ހުރި ގެއެއްގައި ހުރި މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވުނު ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ، އެކަން ހިނގައިދިޔަ ގޮތް ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަރާ ގުޅޭގޮތުން ނެޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ސިއްހީ ހިދުމަތް ދިނުމުގައި މައްސަލައެއް ހުރިނަމަ އެކަން ބަލާނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަނުން ކަމަށެވެ.

"މި ކޭސް ވެސް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަނުން ވަނީ ބައްލަވާފަ. މި ބެއްލެވުމުގައި ބައެއް ކަންތައް ލަސްވެފައިހުރިކަން ފާހަގަކުރެވޭ. މިގޮތުން ސާމްޕަލް ނެގުމާއި ސާމަޕްލްގެ ނަތީޖާ ލިބުން ލަސްވެފައިވާކަން ފާހަގަކުރެވޭ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން ކަންކަން ރަނގަޅު ކުރުމުގެ ގޮތުން އިތުރު ޕްރޮސީޖާތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވާ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ފާހަގަކުރެއްވިއްޖެނަމަ، އެމީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެނުނު ނަމަވެސް ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުން ފެސިލިޓީތަކަށް ގެންދިއުމުގެ ކަންތައް އަވަސް ކުރުމަށާއި އެޗްޕީއޭގެ ހޮޓްލައިން 1676 އަށް އަންނަ ސިއްހީ ކުއްލި ހިދުމަތަކާ ގުޅިގެން ނުވަތަ އަލާމާތެއް ސީރިއަސްވާކަމަށް އަންގާނަމަ އެކަންކަމަށް އަވަހަށް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.