އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނުނަގަން ނިންމައިފިއެވެ.
އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުން އަންނަ މީހުންނަކީ ކޮވިޑް ޖެހުުމުގެ ފުރުޞަތު ބޮޑު ބަޔަކަށްވާތީ، އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވައިލަންސް އެއް ފަށާފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އެއީ އެމީހުންގެ ތެރޭގައި ބަލި ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށެވެ.
ނަމަވެސް އެކަމަށް އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާއްމުންގެ އެއްބާރުލުން ނުލިބުމާއި ބައެއް މީހުން ސާމްޕަލް ދިނުމަށް އިންކާރުކުރާ މައްސަލަތަކެއް ފާހަގަވިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނާއި އެނދުދާންމަތި ވެފައި ތިބޭ މީހުންގެ ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން އެކަމުގައި ފުރަތަމަ އިރުޝާދު ދެއްވީ އެފަދަ މީހުންގެ 10 ޕަސެންޓް މީހުންގެ ސާމްޕަލް ނެގުމަށް ކަމަށެވެ. އެއީ ގާތްގަނޑަކަށް 350 މީހުންނެވެ.
އެކަމަށް ގިނަ ބަޔަކު ދެކޮޅު ހަދާތީ ޓެގުން ދެވަނައަށް އިރުޝާދު ދެއްވީ ފަސް ޕަސެންޓް މީހުންގެ ސާމްޕަލް ނެގުމަށް ކަމަށާއި އެއީ 170 މީހުން ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކުރި މަސައްކަތުން ސާމްޕަލް ނެގިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 105 މީހެއްގެ ކަމަށާއި އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓެގުން މިހާރު އިރުޝާދު ދެއްވާފައިވަނީ މިކަމަކީ އެބޭފުޅުން އުމުރުން ދުވަސްވީ ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކުން ކަންބޮޑުވާ ކަމަކަށްވެ، މިކަމަށް ދެކޮޅު ހައްދަވަމުން ގެންދާ ކަމަކަށްވެސް ވުމާއެކީގައި މިކަން މިގޮތަށް ކުރިއަށް ނުގެންދިއުމަށް،" މަބްރޫކު ވިދާޅުވިއެވެ.