ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި އިތުރު ދިހަ މީހުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 154 އަށް އަރައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެއިން ކޮވިޑް ބައްޔަށް ބޭސްކުރަމުންދިޔަ މީހުންގެ ތެރެއިން މިހާތަނަށް 154 މީހަކަށް ޝިފާ ލިބިފައިވާ ކަމަށެވެ.
އިއްޔެގެ ނިޔަލަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 144 އެވެ. އެހެންކަމުން މިއަދު އިތުރު ދިހަ މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް މަބްރޫކު ހާމައެއް ނުކުރެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1395 އަށް އަރައިފައެވެ. މިއަދު 24 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.
މަބްރޫކު ވިދާޅުވީ، މިވަގުތު ކޮވިޑް ބައްޔަށް 1235 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިރެއާ ހަމައަށް ކަރަންޓީން ފެސިލިޓީތަކުގައި 1675 މީހަކު ތިބިއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1178 މީހަކު އެބަ ތިބި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.