ކުއްލި ޚަބަރު

ނަރުދޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

އަލީ ޔާމިން

2

ށ. ނަރުދޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.

"ވަން" އަށް އެގިފައިވާ ގޮތުގައި، އެމީހާގެ ބަނޑަށް ދަރިފުޅު މަރުވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އެކަން އެނގިފައިވަނީ ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން ކަމަށް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ބަނޑުގައި ރިއްސާތީ ނަރުދޫ ހެލްތު ސެންޓަރަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އެމީހާ ވިހުމަށް ޑޮކްޓަރުން ދީފައިވާ މުއްދަތަކީ މިމަހުގެ 30 ވަނަ ދުވަހެވެ. ނަރުދޫ ސިއްހީ މަރުކަޒަށް ދެއްކުމުން ނަރުދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހަކު ވިއްސޭނެ އިންތިޒާމު ނެތުމުން އެ ސެންޓަރުން ވަނީ ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އެ ޕޭޝަންޓު ގެންދިއުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުނަދޫ ހޮސްޕިޓަލުން ވަނީ ކޮވިޑްގެ ކަންކަމަށް ހޮސްޕިޓަލު މަރާމާތު ކުރާތީ މާބަނޑު މީހަކު ވިއްސަން އެ ހޮސްޕިޓަލު އޮތީ ތައްޔާރަށް ނޫން ކަމަށް ބުނެ ކުޅުދުއްފުށީ ހޮސްޕިޓަލަަށް ބަލި މީހާ ގެންދިއުމަށް ލަފާދީފައެވެ.

އެއާއެކު ނަރުދޫ ހެލްތު ސެންޓަރުން ވަނީ އެ ޕޭޝަންޓު ކުޅުދުއްފުއްޓަށް ގެންދިއުމަށް އާސަންދައާއި، އެނޫންވެސް ކަންކަން ހަމަޖައްސައި އާއިލާއަށް އެކަން އަންގައިފައެވެ. ނަމަވެސް އާއިލާއިން ބޭނުންވީ، އެ ދުވަހުން ދުވަހަށް ނުގޮސް އަދި އެއް ދުވަހު މަޑުކޮށްލުމަށް ކަން އެނގިފައިވެއެވެ.

އެ ބަލި މީހާ ކުޅުދުއްފުއްޓަށް ގެންދިއުމުގެ ކުރިން މިއަދު ވަނީ ށ. މިލަންދުއަށް ގެންގޮސްފައެވެ. މިލަންދޫ ސިއްހީ މަރުކަޒުން ވަނީ ބަނޑުގައިވާ ތުއްތު ކުއްޖާގެ ތޮޅުން ކުޑަކޮށް ދަށްކަމަށް ބުނެ ވަގުތުން ކުޅުދުއްފުއްޓަށް ގެންދަން ލަފާދީފައެވެ. އެއާއެކު ހުރިހާ ކަމެއް ހަމަޖައްސައި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ދާން އެ ޕޭޝަންޓު ފުރިއެވެ. ޕޭޝަންޓުގެ ބަނޑަށް ކުއްޖާ މަރުވިކަން އެނގުނީ ކުޅުދުއްފުއްޓަށް ގޮސް ދެއްކުމުންނެވެ.

އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާއަކީ ތެލެސީމިއާއަށް ވާރުތަކުރާ ދެމަފިރިން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން އއ. ތޮއްޑޫގައިވެސް ވަނީ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟