ކޮވިޑް ޖެހޭތާ 11 ދުވަސް ފަހުން އިތުރަށް ނުފެތުރޭނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ގައިންގަޔަށް އަރާ ބަލިތަކާބެހޭ ދިރާސާތައް ކުރާ ސިންގަޕޫރުގެ މާހިރުން ކުރި ދިރާސާއަކުން ދައްކާގޮތުން ކޮވިޑް 19 ޖެހިފައިވާ މީހެއްގެ ގައިގައި ވައިރަސް ހުންނަތާ 11 ދުވަސްވުމުން އެމީހާގެ ފަރާތުން އެހެން މީހަކަށް އެ ވައިރަސް ނުޖެހޭނެ ކަމަށް ވަނީ ދައްކައިފައެވެ.
މި ދިރާސާއިން ހާމަވެފައިވަނީ 11 ދުވަސް ފަހުން ނުފެތުރުނު ނަމަވެސް އެމީހާގެ ގައިގައި ކޮވިޑް ހުރި ކަމަށް ޓެސްޓުތަކުން ދައްކާނެ ކަމަށެވެ.
ކޮވިޑް ޖެހިފައިވާ 73 މީހެއް ބައިވެރިކޮށްގެން ހެދި މި ދިރާސާއާ ގުޅިގެން ސިންގަޕޫރުގައި ބަލި މީހުން ޑިސްޗާޖު ކުރާ ގަވައިދަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފައެވެ. މިހާރު އެގައުމުގައި ކޮވިޑުގެ ބަލިމީހުން ދޫކޮށްލަނީ އައިސޮލޭޝަނަށްފަހު ޓެސްޓު ހަދައި ނެގެޓިވްވުމުންނެވެ.
ސިންގަޕޫރުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 31،000 އަށް އަރާފައިވާ އިރު، އެގައުމުން ބަލި ޖެހުނު 45 ޕަސެންޓް މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.