ކޮވިޑް 19

އިތުރު 24 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގައި ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ 1395 އަށް

އިތުރު 24 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގައި ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ އަދަދު 1395 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 18 މީހަކާއި، ހަތަރު ދިވެއްސެއްގެ އިތުރުން އިންޑިއާ ދެމީހުން ކަމަށެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން 144 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި، ބަންގްލަދޭޝްގެ މީހެކެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް މިމަހުގެ 28ގެ ފަހުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ކަމަށް ވިދާޅުވިއެވެ.