ކޮވިޑް 19

ކާފިއު ގަޑިއަށް ނުކިޔަމަންތެރިވެވަޑައިގެންނެވުމުން އޮސްޓްރިއާގެ ރައީސް މައާފަށް އެދިވަޑައިގެންފި

މިންހާ ފާއިޒް ރަޝާދު

އޮސްޓްރިއާގައި ލޮކްޑައުންއާއި ގުޅިގެން އިއުލާނުކޮށްފައި އޮތް ކާފިއު ގަޑިއަށް ނުކިޔަމަންތެރިވެވަޑައިގެންނެވުމުން ރައީސް އެލެކްސްޒެންޑްރާ ވޭން ޑަ ބެލެން މައާފަށް އެދިވަޑައިގެންފިއެވެ.

ކާފިއު ވަގުތު ޖެހުނުއިރު ރައީސް ހުންނެވީ އެގައުމުގެ ކެޕިޓަލް ސިޓީ ކަމަށްވާ ވިއެންނާގައި ހުންނަ ރެސްޓޯރަންޓެއްގައިކަމަށް ވެއެވެ. އިޓަލިއަން އެ ރެސްޓޯރަންޓުގައި ރައީސް ވަޑައިގެން ހުންނެވީ އަނބިކަނބަލުންނާވެސް އެކުގައި ރައްޓެހިބަޔަކާ ބައްދަލުކޮށްލެއްވުމަށެވެ.

"ކުރެވުނީ ވަރަށް ބޮޑު ކުށެއް. މައާފަށް އެދެން. ގައުމުގައި ލޮކްޑައުން އިއުލާނުކުރިފަހުން ފުރަތަމަ ފަހަރަށް ބޭރަށް ދިޔައީ އަންހެނުން އަދި ދެ ރައްޓެހިންނާއެކު. އެންމެން ވާހަކައިގައި ތިއްބާ ގަޑި ދިޔަގޮތްވެސް ނޭނގުނު" 76، އަހަރުގެ ރައީސް އެލެކްސްޒެންޑްރާ މައާފަށް އެދިވަޑައިގެންނެވުމަށް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާދިއްތަ ދުވަހުގެ ރޭ މެންދަމު ބާރައިގެ ފަހުން ރައީސް ފެނިފައިވަނީ ފުލުހުންނާއެކު ރެސްޓޯރަންޓުގެ ބޭރުންނެވެ. އެގައުމުގައި ލޮކްޑައުންނަށް ލުއިދީ މިދިޔަ ހަފްތާގައި ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވަން ފުރުސަތު ދިންނަމަވެސް 11 ޖަހާއިރު ބަންދު ކުރަން ޖެހެއެވެ.

މިކަމާ ގުޅިގެން ގަވާއިދަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އެ ރެސްޓޯރަންޓު ޖޫރިމަނާކުރާނެކަން އެނގިވަޑައިގެން ރައީސް ވަނީ ވެރިފަރާތަށް އެއްވެސް ގެއްލުމެއްވާނަމަ އެ ޒިންމާތައް ނަންގަވާނެކަމަށް ވިދާޅުވެފައެވެ.

ރެސްޓޯރަންޓުގެ ވެރިފަރާތުން މީޑިއާގައި ބުނެފައިވަނީ ގަވާއިދުގައި ވާގޮތަށް ބަރާބަރު 11 ޖަހާއިރު ރެސްޓޯރަންޓު ބަންދުކުރި ނަމަވެސް ކަސްޓަމަރުން ބޭނުން ނަމަ ކިތަންމެ އިރެއްވަންދެންވެސް ޓެރަސްގައި ތިބެވޭނެކަމަށް ހީކުރެވިފައިވާ ކަމަށެވެ.

ކޮވިޑް19އާއި ގުޅިގެން ޔޫރަޕުގައި އެންމެ ފުރަތަމަ ލޮކްޑައުންކުރި ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ ހިމެނެއެވެ. އަދި އެންމެ ފުރަތަމަ ލުއިދޭން ފެށި ގައުމަކީވެސް އެއެވެ. އެގޮތުން ދިހަ މީހުނަށްވުރެ ގިނަ ނުވާނެހެން އެއްވުންތައް ބޭއްވުމުގެ ހުއްދަ މިމަހު ވަނީ ދީފައެވެ. ޕާކުތަކާއި، ކުދި ފިހާރަތައްވެސް ވަނީ މިދިޔަ މަހުންފެށިގެން ހުޅުވަން ހުއްދަދީފައެވެ.