މުހައްމަދު އައުޒަމް
ކޮލަމްބޯ ޕޯޓް ސިޓީގައި ހަދަމުން އަންނަ އާޓިފިޝަލް ބީޗު އަންނަ އޯގަސްޓް މަހު ހުޅުވަން ނިންމައިފިއެވެ.
ސްރީލަންކާގެ ގޯލް ފޭސް ޖެހިގެން އޮންނަ ޕޯޓް ސިޓީ ކޮލަމްބޯގެ އާޓިފިޝަލް ބީޗް ނިމޭއިރު އެސަރަހައްދުގައި އާންމުން ހިތްފަސޭހަ ކޮށްލާނެ ސަރަހައްދެއްވެސް އޮންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮގަސްޓުގައި މި ސަރަހައްދު ހުޅުވާލާއިރު ޕޯޓް ސިޓީ ކޮލަމްބޯގެ އާޓިފިޝަލް ބީޗަށް އާންމުން ދިއުމަށް ގޯލް ފޭސް އިން ހިނގާފައިދެވޭ ބްރިޖެއް ވެސް އޮންނާނެއެވެ.
1.5 ކިލޯމީޓަރުގެ ޕޯޓް ސިޓީ ކޮލަމްބޯގެ އާޓިފިޝަލް ބީޗް ހުޅުވާއިރު އެސަރަހައްދުގައި ސެންޓްރަލް ޕާކެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މިސަރަހައްދު ގޯލް ފޭސް އަށްވުރެ ފަސް ގުނަ ބޮޑުވާނެ ކަމަށް ޕޯޓް ސިޓީގެ އެންވަޔަރަމަންޓް މެނޭޖްމަންޓް ޕްލޭން ޓީމްގެ އިސްވެރިޔާ ވަނީ ބުނެފައެވެ. އަދި ސެންޓްރަލް ޕާކަށް ވަނުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.