ކުއްލި ޚަބަރު

މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

މާލޭގައި މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ މިއަދު ޕޮޒިޓިވްވި 58 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި އެމީހާ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން މީގެ ދެރޭ ކުރިން ނެގި ސާމްޕަލުންނެވެ.

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ހަތަރުވަނަ މާބަނޑު މީހާއެވެ. މީގެ ކުރިން މާލެއިން ދެ މީހަކު އަދި ށ. ނަރުދޫން ވެސް މާބަނޑު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެނގިފައިވާ ގޮތުގައި އެމީހާ އަދިވެސް ހުރީ ގޭގައި އެކަހެރިކޮށްފައެވެ. އަދި އެމީހާ އައިސޮލޭޓް ކުރުމަށް ހުޅުލޭ އައިލެންޑް ހޮޓަލަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އެނގިފައިވެއެވެ.

އެމީހާއާ ސީދާ ކޮންޓެކްޓްވި ބައެއް މީހުން ގޭގައި އެކަހެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އަންގައިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، 1371 މީހުންނެވެ. އޭގެ ތެރެއިން 144 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.