ކުއްލި ޚަބަރު

އިތުރު ބަޔަކު ކޮވިޑުން ރަނގަޅުވެ، ބަލީން ފަސޭހަވީ މީހުންގެ އަދަދު 144 އަށް

އިތުރު ބަޔަކު ކޮވިޑުން ރަނގަޅުވެ، ބަލީން ފަސޭހަވީ މީހުންގެ އަދަދު 144 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 127 މީހަކު ކަމަށް އެ ސެންޓަރު ވަނީ މައުލޫމާތުދީފައެވެ. އެހެންކަމުން އިތުރު 17 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެ ފަހުން ބަލިން ރަނގަޅުވި 17 މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އެމީހުންގެ ތެރޭގައި 15 ދިވެއްސަކު ހިމެނެއެވެ. އަނެއް ދެ މީހުންނަކީ ސްރީލަންކާގެ ދެ މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1371 އަށް އަރައިފައެވެ. މިއަދު 58 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 14 މީހަކާއި ނޭޕާލުގެ ހަތަރު މީހެކެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.