ކުއްލި ޚަބަރު

އިތުރު 58 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1371 އަށް

އިތުރު 58 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1371 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެއްސަކާއި ބަންގުލަދޭޝްގެ 13 މީހަކާއި އިންޑިއާގެ 14 މީހަކާއި ނޭޕާލުގެ ހަތަރު މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 688 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވީ 494 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 140 މީހަކާއި ނޭޕާލުގެ 22 މީހަކާއި އިޓަލީގެ 11 މީހަކާއި ލަންކާގެ ނުވަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 144 މީހެކެވެ. އަދި މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހުންނެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.