ބިދޭސީން ތިބޭ ކަރަންޓީން ފެސިލިޓީގައި ހަމަނުޖެހުން ހިންގައި، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.
ފުލުހުން ބުނީ، ހަމަނުޖެހުން ހިންގާފައިވަނީ ބިދޭސީންގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ހުޅުމާލެ އަމީން ހިޔާގައި ކަމަށެވެ. އަދި އެތަނުގައި ތިބި ބައެއް މީހުން ތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާ ދިމާލަށް ގޮނޑިފަދަ ތަކެތި އުކާފައިވާ ކަމަށާއި ނަމަވެސް އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ
ފުލުހުން ބުނީ، މިރޭ 8:50 އެހާކަންހާއިރު އެ ހަމަނުޖެހުން ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މައުލޫމާތުދެއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ތޮއްޖެހިގެން ބިދޭސީން އުޅޭ 33 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ. އެގޮތުން ހުޅުމާލެ އަމީން ހިޔާއަކީ އެންމެ ފުރަތަމަ ބިދޭސީން ގެންދިޔަ ފެސިލިޓީއެވެ.