އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ އިތުރުން، މޮނިޓަރިން އުވާލުމަށްފަހު 14 ދުވަސް ހަމަނުވާ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
މިކަން އަންގައި އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު ފުރަބަންދުގެ ހާލަތުގައިވާ ރަށްރަށާއި، މޮނިޓަރިންގެ ހާލާތުގައިވާ ރަށްރަށާއި، އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް މޮނިޓަރިންގެ ހާލަތުގައިވާ ރަށެއް، މޮނީޓަރިންގެ ހާލަތުން ދޫކޮށްލާތާ 14 ދުވަސް ނުވާނަމަ އެރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާއަތް ނުހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެހްޕީއޭ)އިން ލަފާދެއްވާފައިވާތީ، އެރަށްރަށުގެ މިސްކިތްތަކުގައި ވެސް ޖަމާއަތް ނުހެދުމަށް އަންގާ ކަމަށްވެސް ބުނެފައި ވެއެވެ.
"އެހާލަތުގައި އޮތް އެއްވެސް ރަށެއްގައި މިސްކިތުގެ ޖަމާއަތް ހަދަމުންދާނަމަ އެކަން ހުއްޓާލުމަށް ދަންނަވަން. އަދި އެހާލަތުގައިވާ އެއްވެސް ރަށެއްގެ މިހާރުގެ ހާލަތު ބަދަލު ނުވަނީސް މިސްކިތް ޖަމާއަތް ހެދުމުގެ ހުއްދަ މިނިސްޓްރީއަށް ދެވެން ނޯންނާނެ ކަމަށްވެސް ބުނެފައިވާނެ،" މިނިސްޓްރީގެ ބަޔާނުގައި ވެއވެ.
އެހެންކަމުން އެހާލަތުގައިވާ ރަށްރަށާއި، ރިސޯޓްތައް ފިޔަވައި އެހެން ރަށްތަކުގައި، މިސްކިތް ޖަމާއަތް ހެދުން އެންމެ ރަނގަޅު ކަމަށްްވެސް ބުނެފައި ވެއެވެ. އަދި މިސްކިތްތައް ނުހުޅުވާ ރަށްރަށާއި ރިސޯޓްތަކުގައި ކުރިއެކޭވެސް އެއްގޮތަށް މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށް ދަންނަވާ ކަމަށްވެސް ބުނެފައި ވެއެވެ.
ކޮވިޑް 19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހު، އެކަމަށް ލުއި ދީފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.