އިބްރާހިމް ޒަކީ
މުދަލަށް ގެއްލުންދީ ގައުމުގެ އަމާން ކަމާއި ހަަމަޖެހުން ގެއްލިދާނެފަދަ ކަމެއް ކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދިނުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.
ލޮކްޑައުން އިން ވީއްލިފައިވާ ރަށްތަކުގައި މިއަދު ކުރިޔަށްދިޔަ އީދު ނަމާދުގެ ހުތުބާ އާމަޒު ކޮށްފައިވަނީ، ހައްގުތައް އަދާ ކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމާއި، ސުލްހަ މަސަލަސްކަމާއި އަމަންއަމާން ދެމެހެއްޓުމުގެ މައްޗަށެވެ.
ރައްޔިތުންގެ މެދުގައި ހުރިހާ ބާވަތެއްގެ އަމާންކަމާއި ފުދުންތެރިކަން އޮތުމަކީ މުހިއްމުކަމެއް ކަމަށާއި، އެއީ ރަސޫލުން އެކަަމަށްޓަަކައި ދުއާކުރެއްވި ކަމެއްކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަމާންކަމެއް ނެތްތަނެއްގައި އެވެސް ހަަމޖެހުމެއް ނޯންނާނެ ކަމަށާއި، އެހެންކަމުން އެންމެން ވެސް ގައުމުގެ ސުލްހަ މަސަލަަންކަމަށް މަސައްކަތްކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
"ރައްޔިތުންގެ އަމާންކަމަށް ބުރޫއަރައިފާނެކަމެއް އެކަކުވެސް ކޮށްގެން ނުވާނެ. މި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެންމެންގެ ވާޖިބެއް. ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމާއި، ތަނަވަސްކަން ބޭނުންކޮށްގެން، އަމާންކަން ދަމަހައްޓަން މަސައްކަތްކުރަންވާނެ. މުދަލަށް ގެއްލުންދީ ގައުމުގެ އަމާންކަމާއި ހަަމޖެހުން ގެއްލިދާނެފަދަ ކަމެއް ކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދީގެންނުވާނެ،" ހުތުބާގައި ބުނެފައިވެއެވެ.
ހަސަދަވެރިކަމާއި ބައިބައިވުންތަކާއި އަރައިރުންތަކާ ދުރުހެލިވުމަށް، އަޒުމް ކަނޑައެޅުމަށް ވެސް މިއަދުގެ އީދު ހުތުބާގައި އިލްތިމާސްކޮށްފައި ވެއެވެ.
މާތް ﷲ ގެ ހައްގުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް އެކަލާންގެ އަންގަވާފައިވާ ކަމަށް ހުތުބާގައި ވެއެވެ. އަދި ރަހިމުގެ ގުޅުންތައް ދަމަހައްޓައި މީހާއަށް މާތް ﷲ ރަހުމަތް ލައްވާނެކަމަށް އަންގަވާފައިވާކަން، ފާހަގަކޮށް އެ ހައްގުތައް އަދާކުރުމަށް ހުތުބާގައިވަނީ ނަސޭހަތްތެރި ވެފައެވެ.
އިސްލާމީ އީދުތައް ފެށެނީ އިޖުތިމާއި ބޮޑު ބައްދަލުވުމަކުން ކަމަށާއި، މާތް ﷲ އަށް ޝުކުރު ދެންނެވުމަށްޓަކައި ބާއްވާ އީދު ނަމާދުގެ މި ބޮޑު ބައްދަލުވުމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، ސަލާމްކޮށް އީދުގެ ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ތަނަވަސްވާ ކަމަށާއި އިސްލާމީ އީދު ތަކަކީ، އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހްތިފާލު ތަކެއް ކަަމަށްވެސް ބުނެފައި ވެއެވެ.
"އެދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަަވަސްކަން ލިބިގެންވާ މީހުންނެއް ނޫން. ތަނަވަސްކަމުގެ އަހުލުވެރިން ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުވަންޖެހޭ. ފިތުރު އީދު ދުވަހު އީދުނަމާދުގެ ކުރިން ފިތުރުޒަކާތް އަދާކުރުމަށް އަންގާފައިވަނީ މިހެންވެގެން.،" ހުތުބާގައި ވެއެވެ.
ފިތުރު އީދަކީ މާތް ﷲ ފަރުޟު ކުރެއްވި ރަމަޟާންމަހުގެ ރޯދައާ ގުޅިގެން އަންނަ އީދެއް ކަމަށާއި، އެއީ ރޯދައިގެ އަޅުކަން އަދާކުރެވުނީތީ، އެކަމަށް ޝުކުރުކޮށް ފިތުރު ޒަކާތް ނެރޭ ދުވަސް ކަމަށާއި، އެއީ ރަމަޟާން މަހުގައި ރޯދަ ހިފި މީހުންނަށް މާތް ﷲ އިނާމުދެއްވާ ދުވަސް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"ރަމަޟާން މަސް އަޅުގަނޑުމެންނާ ވެކިވެ ގޮސްފައި ވަނީ އަޅުގަނޑުމެނަށް ނުވަތަ، އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގަ. މާތް ﷲ އަންގަވާފައިވާގޮތަށް ރޯދަ ހިފައި، ރޭއަޅުކަންކުރި މީހުންނަށް ޝަފާއަތްތެރިވަމުން. އަޅުކަމާއި ހެޔޮ އަމަލުތަކާ ދުރުހެލިވެ، ހަމައެކަނި ކެއިން ބުއިމުން މަހްރޫމްވީ މީހުންނަށް އެމީހުން ހިފި ރޯދައިން ލިބޭނީ ހޫނުކަމާއި ކަރުހިއްކުން އެކަނި،" ހުތުބާގައި ބުވެފައި ވެއެވެ.
ހުތުބާގައި އަދި ބުނެފައިވަނީ، "ބައެއް މީހުން ރަމަޟާން މަހުގައި ﷲ ގެ ހަޒުރަތަށް ކުއްތަން ވެވޭތޯ މަސައްކަތްކުރޭ. ނަމާދުކޮށް ރޭއަޅުކަންކޮށް ރޯދަ ހިފާ، ނަމަވެސް ރަމަޟާންމަސް ނިމުމުން ނަމާދުކުރާކަށް ހަނދާނެއް ނުހުރޭ، ﷲ އާ އެމީހުންނާ ދެމެދުގައިވާ ވާފަށްކަނޑައިލާ، އެމީހުން މުސްހަފެއް ހުޅުވާލާތަނެއް ނުފެނޭ. ޒިކުރުކުރާތަނެއްވެސް ނުފެނޭ،"
އިސްލާމްދީނުގައި އީދުތައް ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރަން ނޫން ކަމަށާއި، އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖުތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށާއި، މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރީތި އާދަ ފެތުރުމަށްޓަކައި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.