މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމް އިން މޯލްޑިވިއަންއާ އެކު ވެފައިވާ އެއްބަސްވުމެއްގައި ކުރި ދަތުރުތަކަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޕީޕީއެމްއާ ދެކޮޅަށް މޯލްޑިވިއަން އިން ދައުވާ އުފުލާފައި ވަނީ މިދިޔަ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމް އިން ބޭއްވި "ސައިޒު ދައްކާލާ ބޮޑު ޖަލްސާ"އަށް ރާއްޖޭގެ އެކި ސަރަހައްދުން މީހުން ގެނައުމަށް މޯލްޑިވިއަން މެދުވެރިކޮށް ކޮށްފައި ހުރި ދަތުރުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބިގެންނެވެ.
އެދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އަރާފައިވާއިރު އޭގެން އެއް މިލިއަން ރުފިޔާ ޕީޕީއެމުން ވަނީ ފަހުން ދައްކައިފައެވެ.
"ވަން އޮންލައިން"އަށް މޯލްޑިވިއަންގެ އޮފިޝަލެއް ވިދާޅުވީ ބާކީ 3.8 މިލިއަން ރުފިޔާ ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.