ބަލި ޖެހިފައިވާ ކިތަންމެ ބަޔަކު މުޖުތަމައުގައި އުޅޭނެ ކަމަށާއި ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ ނުފެނުނަސް އިތުރު ރިސްކެއް ނެތް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޒިޓިވް ނަތީޖާ ލިބުނު ފަހުން ފިލި ބަންގުލަދޭޝް މީހާއާ ގުޅޭގޮތުން ޑރ. މުރާދު ވިދާޅުވީ ޕޮޒިޓިވް މީހުންގެ ތެރެއިން މުޖުތަމައުގެ ތެރޭގައި އުޅޭނީ ހަމައެކަނި އެމީހާ ނޫން ކަމަށާއި އެންމެ މީހަކު މުޖުތަމައުގެ ތެރޭގައިި ހުރުމަކުން މުޖުތަމަައަށް ރިސްކު ބޮޑުވެގެންނެއް ނުދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް އުޅޭ ނިސްބަތުން އަންނަ ރިސްކެއް މުޖުތަމައުގެ ތެރޭގައި ހުންނާނީ. އެހެންނަމަވެސް އޭނާ ނުފެނިގެން ނުވަތަ ފިލައިގެން އުޅުން އެއީ މުޅިން އެހެން މައްސަލައެއް. މެޑިކަލީ ބަލާނަމަ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ އިރުއެއް ކޮމިއުނިޓީ ވަކި ރިސްކު ބޮޑު ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މި ހާލަތުގައި އުޅެން ޖެހޭޏީ ކޮންމެ މީހެއްގެ ގައިގައި ވެސް ބަލި ހުރެދާނެ ކަމަށް ބަލައިގެން ކަމަށާއި ކޮންޓެކްޓުންގެ އަދަދު އެހާ ބޮޑަށް މަދުވެފައި މިހުރީ ވެސް އެގޮތަށް ބަލައިގެން އުޅުނީމަ ކަމަށެވެ.
އެކި ސައިޓްތަކާއި ރެންޑަމްކޮށް ނަގަމުން އަންނަ ސާމްޕަލްތައް ނެގުމަށްފަހު އެމީހުންގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހޯދުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ޓެސްޓުގެ ނަތީޖާތައް އެމީހުންނާ ހިއްސާކުރަމުންނެވެ.
އެގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ގުޅިފައި ނުވާތީ އެޗްޕީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ހަތް މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ވަނީ ހޯދައިފައެވެ.
މަބްރޫކު މީގެ ކުރިން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަ މީހާ ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.