ކުއްލި ޚަބަރު

"ހަށިގަނޑުގައި ހުންނަ ކޮވިޑު ވައިރަހުގައި ދިރުން ހުރިކަން ނުވަތަ މަރުވެފައިވާކަން ޕީސީއާރް ޓެސްޓަކުން ނޭނގެ"

ހަށިގަނޑުގައި ހުންނަ ކޮވިޑު ވައިރަހުގައި ދިރުން ހުރިކަން ނުވަތަ މަރުވެފައިވާކަން ޕީސީއާރް ޓެސްޓަކުން ނޭނގޭ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ޕީސީއާރް ޓެސްޓުން ދެނެގަނެވޭނީ ހަށިގަނޑުގައި ވައިރަސް ހުރިތޯ ކަމަށެވެ. ނަމަވެސް ޕީސީއާރް ޓެސްޓުން ހަށިގަނޑުގައި ހުރީ ލައިވް ވައިރަސްއެއްގެ އެތިކޮޅެއްތޯ ނުވަތަ މަރުވެފައި ހުރި ވައިރަސްއެއްގެ އެތިކޮޅެއްތޯ ދެނެނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހަދަނީ ޕީސީއާރް ޓެސްޓެއް. ޕީސީއާރް ޓެސްޓުން މި ދެނެގަންނަނީ ހަށިގަނޑުގައި ވައިރަސް ހުރިތޯ ނެތްތޯ. އެހެންނަމަވެސް އެއީ ލައިވް ވައިރަސްއެއްގެ އެތިކޮޅެއްތޯ ނުވަތަ މަރުވެފައި އޮންނަ ވައިރަސްއެއްގެ އެތިކޮޅެއްތޯއެއް ދެނެއެއް ނުގަނެވޭނެ ޕީސީއާރް ޓެސްޓަކުންނެއް،" ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، ޕީސީއާރް ޓެސްޓު ހަދައިގެން ބަލިން ރަނގަޅުވާން ގިނަ ދުވަސް ނަގާފާނެ ކަމަށެވެ. އެހެންކަމުން 14 ދުވަސްވުމަށް ފަހު ބަލީގެ އަލާމާތްތައް ނެތް މީހުން ބަލިން ރަނގަޅުވިތޯ ބެލުމަށް ހަދާނީ ޕީސީއާރް ޓެސްޓުތޯ ނުވަތަ އެހެން ޓެސްޓެއްތޯ ކަނޑައެޅުމުގެ މަޝްވަރާތައް އަލުން ފަށައިގެން ކުރިއަށްދާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި ބަލި މީހާގެ ކިބައިން އަލާމާތްތައް އެއްކޮށް ނެތި ދިއުމުން އެމީހަކީ ބަލިން ރަނގަޅުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ކަމަށެވެ.