ކުއްލި ޚަބަރު

އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓުކުރަން ބޭނުން ކުރާނީ ޖީން އެކްސްޕާޓް މެޝިން: މަބްރޫކް

އަލީ ޔާމިން

އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓުކުރަން ބޭނުން ކުރާނީ ޖީން އެކްސްޕާޓް މެޝިން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އަތޮޅުތެރޭގައި ބައްޔަށް މީހުން ޓެސްޓު ކުރަން ބޭނުން ކުރާނީ ޖީން އެސްޕާޓް މެޝިންތައް ކަމަށާއި ސަރުކާރުގެ ސްޓްރެޓެޖީއަކީވެސް އެއީ ކަމަށެވެ.

"ސްޓްރެޓެޖީއަކީ އަތޮޅުތެރޭގައި ބައްޔަށް ޓެސްޓުކުރުމަށް ޖީން އެކްސްޕާޓް މެޝިންތަކުގެ ކާޓްރިޖް ބޭނުން ކުރުން،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ 25،000 ކާޓްރިޖް މިމަސް ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެ ކާޓްރިޖްތައް އަންނާނެ ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ކޮވިޑަށް ޓެސްޓުކުރުމަށް ރާއްޖެއަށް ގެންނަ މެޝިންތަކާއި އެކިއެކި ފަރާތްތަކުން ހަދިޔާކުރާ ޓެސްޓު މެޝިންތައް ބޭނުން ކުރުމަށް ނިންމާފައިވަނީ މާލޭ ސަރަހައްދުގައި ކަމަށެވެ.

ކޮވިޑަށް ޓެސްޓުކުރާ ޕީސީއާރް ތިން މެޝިން މާލޭގައި މިވަގުތު އެބަހުއްޓެވެ. އެއީ އޭޑީކޭގައި ހުރި މެޝިނާއި، ޕޮލިސް ލެބޯޓަރީގައި ހުރި މެޝިނުގެ އިތުރުން އައިޖީއެމްއެޗުގައި ހުރި މެޝިނެވެ. މީގެ އިތުރުން އައިޖީއެމްއެޗަށް ވަނީ އިތުރު އެކްސްޓްރޭކްޝަން މެޝިނެއްވެސް ގެނެސްފައެވެ. އަދި އިތުރު ޕީސީއާރް ދެ މެޝިން ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.