ކުއްލި ޚަބަރު

އާއާރްޓީ ޓީމް މަސައްކަތުގައި އުޅޭ އިރު ކައިރި ނުވުމަށް އިލްތިމާސްކޮށްފި

އާރްއާރްޓީ ޓީމް މަސައްކަތުގައި އުޅޭއިރު ކައިރިނުވުމަށް ޑރ. މޫސާ މުރާދު އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ އާރްއާރްޓީ ޓީމާ އެހާ ބޮޑަށް ކައިރިވެ، ވާގޮތް ބަލަން އެތަނަށް އެއްވެ، ނުވަތަ ފޮޓޯ ނެގުން ކަހަލަ ކަންތައް ކުރަން އެހާ ކައިރިވެ އުޅުމަކީ ރައްކާތެރިކަމުގެ ގޮތުން އެހާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އިލްތިމާސްކުރަން އެބޭފުޅުން އެ މަސައްކަތުގައި އުޅުއްވާ އިރުގައި އާންމު ރައްޔިތުން އެބޭފުޅުންނާ ތަންކޮޅެއް ދުރުގައި އުޅުއްވުން. އަދި އެބޭފުޅުންނާ އެހާ ކައިރި ނުވާނެ ގޮތަކަށް އެތަންތަނުގައި ހިންގަވައި ހައްދަވާ އިރުވެސް އެގޮތަށް އަމަލުކުރެއްވުން،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އާރްއާރްޓީ ޓީމުތައް ތަންތަނަށް ގޮސް މަސައްކަތުގައި އުޅޭ އިރު، އެމީހުންނާ އާންމުން ވަރަށް ގާތްވާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެއީ އެހާ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަދި އާރްއާރްޓީ ޓީމުތައް މަސައްކަތްކުރާނީ ސާމްޕަލް ނެގުމާއި ހައިރިސްކު ތަންތަނުގައިކަން ވެސް ފާހަގަކުރެއްވިއެވެ.