މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިިމްތިހާނުތައް 2021 ވަނަ އަހަރު މޭ/ ޖޫންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ތާވަލުކުރެވިފައިވާ ސާނަވީ ނިންމާ އިިމްތިހާނުތައް 2021 ވަނަ އަހަރު މޭ/ ޖޫންގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައް ވެސް މިއަހަރު ނޯންނާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
"އެހެންކަމުން މިހާރު ގުރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދާސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރުގެ މޭ/ޖޫން އިމްތިހާނުތައް ނިމެންދެން އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތިބޭނެއެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެ މިނިސްޓްރީން ބުނީ، މިބަދަލުގެ ސަބަބުން ސްކޫލްތަކަށް ދިމާވާނެ ޖާގައިގެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ނިންމާފައިވާ ކަމަށެވެ.
"މިބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއްނުވެ އިއުލާނުކުރެވޭނެ ވާހަކަ ދެންނެވީމެވެ،" އެޑިއުކޭޝަނުން ބުނެފައިވެއެވެ.