އަލީ ޔާމިން
ރާއްޖޭގައި ފަރުވާދެމުންދިޔަ އިތުރު 18 މީހަކު ކޮވިޑުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 127 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އަޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، މިއަދު ތިން މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށާއި އެއާއެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ 127 އަށް އަރާ ކަމަށެވެ.
"މާތްﷲގެ އިރާދަފުޅާއެކު މިއަދު މިވަނީ އިތުރުން ތިން މީހަކަށް ބަލިން ޝިފާ ލިބިފައި،" މަބްރޫކް ވިދާޅުވިއެވެ.
ބަލިން ރަނގަޅުވި މީހުންގެ ތަފްސީލް ދެއްވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ، ބަލިން މިއަދު ބަލިން ފަސޭހަވީ މީހުންނަކީ ހުސް ދިވެހިން ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޭޝްބޯޑުން ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ބަލިން ރަނގަޅުވެފައިވަނީ 109 މީހެކެވެ. އެހެންކަމުން މިއަދު ބަލިން ރަނގަޅުވި މީހުން ލައިގެން އެ އަދަދު އަރާނީ 112 އަށެވެ. ނަމަވެސް 127 މީހަކު ބަލިން ރަނގަޅުވި ކަމަށް ޑޭޝްބޯޑުން ދައްކަނީ މީގެ ކުރިން ބަލިން ރަނގަޅުވި ބައެއް މީހުން އެ ލިސްޓުގައި ހިމެނިފައި ނުވާތީ ކަމުގައި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކަލްކިއުލޭޓް ކުރުމުގެ މައްސަލައެއް މިއުޅެނީ. މީގެ ކުރިން ބަލިން ރަނގަޅުވި ބަޔަކު އަޅުގަނޑުމެންނަށް ނުބުނެވި އޮތީ. އެމީހުންނާ ލައިގެން ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު 127 އަށް މިއަރަނީ" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1313 އަށް އަރައިފައެވެ. މިއަދު އެކަނިވެސް 39 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.