އިތުރު 39 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1313 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 676 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވީ 468 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 126 މީހަކާއި ނޭޕާލުގެ 16 މީހަކާއި އިޓަލީގެ 11 މީހަކާއި ލަންކާގެ ނުވަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 109 މީހެކެވެ. އަދި މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހުންނެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.