އަލީ ޔާމިން
ދުވާލަކަށް 30 އާއި 50 އާ ދެމެދުގެ އަދަދަކަށް ޕޮޒިޓިވް މީހުން ފެނުމަކީ މަދު އަދަދެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ދުވާލަކަށް 30 ނުވަތަ 50 ޕޮޒިޓިވް ކޭސް ފެނުމަކީ އާބާދީއަށް ބަލާއިރު ދަށް އަދަދެއް ކަމަށާއި ނަމަވެސް އެންމެން ވެސް އެދޭނީ ކޭހެއް ނުފެނުން ނުވަތަ ފަހަކަށް ވުރެ މައްޗަށް ނުދިޔުން ކަމަށެވެ.
"މިފަދަ ބަލިތަކުގައި އަބަދުވެސް އިންނާނެ ބޭސްލައިނެއް. ވަރަށް ލަފާކުރެވޭ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާއި 50 އާއި ދޭތެރޭގައި ކަމަށް. އެއީ މިފަދަ އެހެން ބަލިތަކަށް ބަލާއިރު ވެސް ބޭސްލައިން އުޅެނީ މިހާވަރަށް،" އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ގައުމެއްގެ ތެރޭގައި ފެތުރުފައި ހުންނަ ބަލިތަކުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިނެއް ހުންނާނެ ކަމަށެވެ. އެގޮތުން ޕޮޒިޓިވް ކޭސްތައް ފެންނަ ނިސްބަތް ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަނަމަ، އެ ގައުމެއްގެ ބޭސްލައިނަކީ އެއީ ކަމަށް ބެލެވިދާނެ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑުގެ ބޭސްލައިން ނިންމުމަށް އަދި އަވަސް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން މިއަދު އެކަނިވެސް 58 ޕޮޒިޓިވް ކޭސް ފެނިފައިވާ އިރު، ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 1274 އަށް އަރައިފައެވެ. 109 މީހަކު މިބަލިން ރަނގަޅުވެފައިވާ އިރު، ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.