މާދަމާއަކީ މި ރޯދަ މަހުގެ ފަހު ރޯދަ ކަމަށާއި ފިތުރު އީދަކީ އަންނަ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
"ހިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މެއި މަހުގެ 22 ވާ ހުކުރު ދުވަހު އިރުއޮއްސޭ އިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި، މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށް ވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މެއި މަހުން 23 ވާ ހޮނިހިރު ދުވަހަކީ މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަހު ކަމުގައްޔާއި މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހަކީ މި ހިނގާ 1441 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިތާ މަހެއް ފަހުން އަލުން މިއަދުން ފެށިގެން ބައެއް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ވަނީ ހުއްދަދީފައެވެ. އެ ހުއްދަ ދީފައިވަނީ ލޮކްޑައުން ނުވަތަ މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ނުލިބޭ ރަށްރަށަކީ ށ. ނަރުދޫ، ނ. މަނަދޫ، ހއ. ތަކަންދޫ، ކ. ތުލުސްދޫ، ށ. މިލަންދޫ، ހއ. އުލިގަމް، ކ. ހިންމަފުށި، ށ. މާއުނގޫދޫ، ށ. ފުނަދޫ، ށ. ފީވަކު، ނ. ހޮޅުދޫ، ނ. ހެނބަދޫ، ށ. ގޮއިދޫ، ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ނ. ކެނދިކުޅުދޫ، ހއ. ދިއްދޫ، ހއ. އުތީމު، ބ. ކެންދޫ، ނ. މިލަދޫ، ނ. މާފަރު، ށ. ޅައިމަގު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ އަދި ކ. މާފުއްޓެވެ.
އިތުރު ގޮތެއް ނުނިންމާހާ ހިނދަކު، އެ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ކުރާނެއެވެ.