އިތުރު 58 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1274 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިރޭ 7:00 އާ ހަމައަށް ފެނިފައިވާ އެ 58 މީހުންގެ ތެރެއިން 39 މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށެވެ. ދެން ހިމެނެނީ 18 ދިވެހިންނާއި އިންޑިއާ މީހެކެވެ.
މި ކޭސްތަކާއެކު އިއްޔެ އާއި މިއަދު ރާއްޖޭގައި 88 މީހަކު މިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އިއްޔެ ވެސް 30 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 104 މީހެކެވެ. އަދި މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހުންނެވެ.