އިންޑިއާ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ގައުމެއް ނޫން ކަމަށް ދިވެހިރާއްޖޭން ބުނެފި އެވެ.
ރާއްޖެއިން މިހެން ބުނެފައި މިވަނީ އިންޑިއާއިން މުސްލިމުންނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓް ކުރަމުންދާ ކަމަށް އެ ގައުމާ ވާދަވެރި ޕާކިސްތާނުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ގެ އޮންލައިން ބައްދަލުވުމެއްގައި ބުނުމާ ގުޅިގެންނެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 200 މިލިއަން މުސްލިމުން ދިރިއުޅޭ އިންޑިއާގެ މަައްޗަށް އެފަދަ ތުހުމަތެއް ކުރުން ރަނގަޅު ނޫން ކަމަށް އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބުނެފައެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ދެކުނު އޭޝިއާގައި ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ރާއްޖެއިން ބުނިކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އެ ބައްދަލުވުމުގައި ރާއްޖެއިން ވަނީ އިސްލާމީ ގިނަ ގައުމުތަކުން އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަކަންވެސް ފާހަގަކޮށްފައެވެ.
ރާއްޖެއިިން މިގޮތަށް ވާހަކަދެއްކި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑަށް ގުޅުން ބަދަލުކުރެއްވި އެއްގައުމަކީވެސް އިންޑިއާއެވެ. އެގޮތުން ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގަތްއިރު، އޭގެ ފަހުން މިދިޔަ އަހަރު ވެސް ރަސްމީ ދަތުރުފުޅެއްގައި މޯދީ ވަނީ ރާއްޖެ ވަޑައިގެން އެކި ދާއިރާތަކުން އެހީ ދިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެއާއެކު ސޮއިކުރައްވައިފައެވެ.
މީގެ އިތުރުން މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެންވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ކާބޯތަކެއްޗާއި، ބޭހާއި ބައެއް މެޑިކަލް އިކިއުޕްމެންޓް ފޯރުކޮށްދިނުން ހިމެނެއެވެ.