ސިޔާސީ

ރީކޯގެ ހޫނު ހަމަލާއެއް ނަޝީދަށް: 2008 ގައިވެސް ވެރިކަން ދިނީ ހިޔާނާތްބަލަން، މިހާރު ތީ ވެރިކަމުގެ އަރައިރުން

އައިދާ އަބްދުލް ހަކީމް

2008 ގައި އެމްޑީޕީއާ ވެރިކަން ހަވާލުކުރީ ޖަލުތަކުގައި މަރާލައިފައިވާ މީހުންނާއި އަނިޔާގެ މައްސަލަތަކާއި އެފްޕީއައިޑީ އަދި އެއާމޯލްޑިވްސް ފަދަ ހިޔާނާތުގެ މައްސަލަތައް ބަލަން ވައުދުވީމަ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ހޫނު ރައްދެއް ދެއްވައިފިއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން އެކަން ކުރެވުނުތޯ ސުވާލު އުފައްދަވައިފައެވެ. މޫސަ ވިދާޅުވީ، ދުލުގައި ހިފައި ނުދެމުމަށާއި މިއަދުގެ ޖަޒްބާތަކީ ވެރިކަމުގެ އަރައިރުން ކަމަށެވެ. އަދި އެއީ ގޭތެރޭގެ ގަދަހިފުމެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކުރެއްވި ޓްވީޓް ---

މޫސަ މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފުލިބިވަޑައިނުގެން ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ރީޓުވީޓް ކުރެއްވުމާއި ގުޅިގެން އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން، އެކަމުގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަ ފުޅަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެންމާ ބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

މޫސަ ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އެމްޑީޕީ މެމްބަރުންނަށް މިއަދު އެނގެންވީ އަދި ހަގީގަތް ގަބޫލުކުރަންވީ ކަމަކީ އެތެރޭގެ ބަޣާވާތަކުން ވެރިކަން ވެއްޓުނަނުދޭންވީ ކަން ކަމަށެވެ. ޑީއާރުޕީއަށް ވީހެން އެމްޑީޕީއަށް ވިޔަނުދޭން މަސައްކަތް ކުރުމަށް މޫސަވަނީ އެމްޑީޕީ މެންބަރުންނަށް ގޮވައިލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކުރެއްވި ދެވަނަ ޓްވީޓް