މިނިސްޓަރު ޒަހާ ވަހީދު

މަސްވެރިކަމުގެ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް ވަރަށް އަވަހަށް އެކުލަވާލެވޭނެ: ފިޝަރީޒު މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނީ މަސްވެރިކަމަށް އަމާޒުކޮށް މަސްވެރިކަމާއި ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި މުރާޖައާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގއ. ގެމަނަފުށީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިކަމާ ބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އަދި އެކަމާބެހޭ ބައެއް ބިލްތައް އެޓާނީ ޖެނެރަލް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ވެސް ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ ވަނީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން މަސްވެރިންނަށް ކޮށްދިނުމަށް ނިންމާފައިވާ ގިނަ ކަންކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން މަސްވެރިންނަށް ހެޔޮ އަގުގައި ޑީސަލް ގަންނަން ލިބޭނެ ގޮތް ހެދުމާއި މަސްވެރިންނަށް ބޭންކިން ނިޒާމެއްގެ ތެރެއަށް ވަދެވޭނޭ މަގު ތަނަވަސްކޮށްދެއްވުމާއި މަސްދޯނި އެކައުންޓް ހުޅުވައި މަސްގަންނަ ކުންފުނިތަކަށް ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އެނިޒާމުގެ ތެރެއިން ބޭންކް ލޯނާއި އަދި ކްރެޑިޓް ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރި ވެވޭނެ ގޮތް ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން އައިސް ހޯދުމަށް މިހާރުވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވީ އައިސް ގަތުމަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްފިނިކުރާ ނިޒާމުތައް ދޯނި ފަހަރަުގައި ގާއިމް ކުރުމަށް މަސްވެރިންނަށް ލުއި ލޯނުތައް ވެސް ދޫކުރާނެ ކަމަށެވެ.