ލޮކްޑައުންއަށް ލުއި ލިބުމުން ބައްދަލުވެ އުޅޭނެ ގިނަވެގެން ހައެއްކަ މީހުންގެ ކްލަސްޓާއެއް މިހާރުއްސުރެ ނިންމުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު އެދިވަޑައިގެންފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ކޮންމެ މީހަކުވެސް އަމިއްލަ މައިކްރޯ ކްލަސްޓާއެއް އުފައްދަން ޖެހޭ ކަމަށެވެ.
އެގޮތުން ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ގެންނައިރު ކޮންމެ މީހަކުވެސް އަމިއްލައަށް ދިމާވާނެ ވަކި މީހުންތަކެއް ކަނޑައަޅަން ޖެހޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެމީހުންނަށްވެސް ތިމާ ދިމާވާން ނިންމި ހައެއްކަ މީހުންނަކީ ކޮބައިކަން އެންގުން މުހިއްމު ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިގޮތަށް ކަންތައް ކުރުމުން ކޮންމެ މީހަކަށްވެސް ކޮންޓެކްޓްސް މަދުކުރުމަށް އެނގޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި ބައްދަލުކުރުމަށް ނިންމާ ހައެއްކަ މީހުންނާ އެކަނި ބައްދަލުކުރުން މުހިއްމު ކަމަށާއި އިތުރު މީހުންނާ ބައްދަލު ނުކުރުމަކީ މުހިއްމު ކަމެއްކަން މަބުރޫކު ފާހަގަކުރެއްވިއެވެ.
މަބްރޫކު ވިދާޅުވީ މިގޮތަށް ކަންތައް ކުރެވިއްޖެނަމަ ކޮންޓެކްޓުވާ މިންވަރު ބޮޑުތަނުން މަދު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ އެހީތެރިންގެ ކްލަސްޓާ ވަރަށް ކުޑަވާން ޖެހޭނެކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އަދި އެމީހުން ބައްދަލުވާ މީހުން ދެތިން މީހުންނަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.