ކުއްލި ޚަބަރު

އެންމެން ތައްޔާރުވޭ! މާސްކު އަޅުއްވަން އާދަކުރައްވައި ޖީބުގައި ސެނެޓައިޒާ ފުޅިއެއްވެސް ގެންގުޅުއްވާ!: މަބްރޫކް

މަރިޔަމް ޝަހުދާ

އެންމެން ތައްޔާރުވުމަށާއި މާސްކު އަޅުއްވަން އާދަކުރައްވައި ޖީބުގައި ސެނެޓައިޒާ ފުޅިއެއްވެސް ގެންގުޅުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު އިލްތިމާސްކުރައްވައިފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ދިން ނަމަވެސް މި ބަލި މުޖުތަމައުން ފިލައިފި ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ދެންވެސް މަސައްކަތް ކުރަން ޖެހޭނީ މި ވައިރަހަކީ ރާއްޖޭގައި އުޅޭ ވައިރަހެއްކަން ދެނެތިބެގެން ކަމަށާއި ރަނގަޅަށް ސަމާލު ނުވެއްޖެ ނަމަ މި ވައިރަސް ޖެހޭ މިންވަރުން ޖެހޭނެކަން އެނގި ތިބެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވަނީ އަމިއްލަ ވިޔަފާރިތަކުންވެސް މިކަމަށް ތައްޔާރުވުމަށް އިރުޝާދު ދެއްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގެއިން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަމެއް ދޭން ޖެހޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކުއްލިއަކަށް އެންމެން ގޮސް އެއް އޮފީހެއްގެ ތެރޭ ޖެހިޖެހިގެން ތިބުމަކީ ވައިރަސް ފެތުރުމުގެ ޖާގަ ބޮޑުވާނެ ކަމެއް ކަމަށް މަބުރޫކު ފާހަގަކުރެއްވިއެވެ. އަދި އޮފީސްތަކުގައި ވީ ވަރަކުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ރޭވުމަށް މަބުރޫކު އިރުޝާދު ދެއްވިއެވެ. އަދި އޮފީހަށް ނުކުމެ މަސައްކަތް ކުރަން ޖެހޭ ނަމަ ޝިފްޓުތަކަކަށް ބަހައިގެން، އެކި މީހުން އެކި ގަޑީގައި އޮފީހަށް އައިސް ގައިދުރުކޮށް ތިބެގެން މަސައްކަތް ކުރެވޭނެ ގޮތެއް ރޭވުން މުހިއްމު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން އޮފީހަށް ދާއިރުވެސް އެންމެން މާސްކު އެޅުމަށް މަބުރޫކު އިރުޝާދުދެއްވިއެވެ. އަދި ކޮންމެ މީހަކުވެސް ސެނެޓައިޒާ ބޭނުން ކުރުން މުހިއްމު ކަމަށް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ މިއީ މިކަމުގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމެއް ކަމަށެވެ.