ނުވިސްނައި އުޅުމުން ދެވަނަ ލޮކްޑައުނަކަށް ދާން ޖެހުނު ގައުމުތައް މަދެން ނޫން ކަމަށާއި އެކަމަށް ވިސްނުމަށް އިލްތިމާސްކުރާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ލޮކްޑައުނަށް ލުއިތަކެއް ގެންނަން ނިންމާފައިވީ ނަމަވެސް އެކަން ކުރާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި ބޭނުން ތަނަކަށް ދެވޭގޮތަށް ލޮކްޑައުން އުވާލަނީ ނޫން ކަމަށާއި އެއް ރަށުން އަނެއް ރަށަށް ދިއުމުގައިވެސް ލިމިޓޭޝަންތަކެއް ހުންނާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އެގޮތުން ލޮކްޑައުނުން ނުކުންނަ އިރު މިއީ ވަރަށް ސަމާލުވާން ޖެހޭ ވަގުތެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ ލޮކްޑައުނުން ނިކުތުމަށްފަހު އަނބުރާ ލޮކްޑައުންއަށް ދިޔަ ގައުމުތައް މަދު ނޫން ކަމަށެވެ.
މިހެން ކަންކަން ދިމާވަނީ ގައިދުރު ކަމަށް ސަމާލުކަން ނުދެވޭތީ އާއި، ކޮވިޑް 19އާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ރަނގަޅަށް ނުބެލެހެއްޓި ނުވަތަ އަޅާ ފިޔަވަޅުތަކަށް އަމަލުކުރެވޭ މިންވަރު މަދުވުމުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ލޮކްޑައުނުން ނުކުތުމަށްފަހު އަނބުރާ ލޮކްޑައުންއަށް ދިޔަ ގައުމެއްގެ ގޮތުން މަބްރޫކު ވަނީ މިސާލެއްގެ ގޮތުން ޖަޕާނުގައި ކަން ހިނގި ގޮތް ފާހަގަކުރައްވައޮފައެވެ. އެގޮތުން ޖަޕާނުގެ ހޮކައިޑޯ އިން ލޮކްޑައުން ނެގި އިރު ދިމާވީ ތިން ދުވަހުގެ ޗުއްޓީއަކާ ކަމަށް މަބްރޫކު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ބޭރުގައި އުޅުނު ކަމަށާއި، މިކަމުގެ ސަބަބުން މަސް ދުވަސްފަހުން އެ ސިޓީ އަލުން ލޮކްޑައުންއަށް ދާން ޖެހުނު ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މީގެ އިތުރުން ސޯލް، ހޮންގްކޮންގް އަދި ޖަރުމަނުގައި ކަން ހިނގި ގޮތަށް ބަލާއިރުވެސް ލޮކްޑައުނުން ނުކުންނަ ދުވަސްވަރު ކުރެވޭ ކަންކަމުގެ ސަބަބުން އަލުން ލޮކްޑައުނަކަށް ދާން ޖެހޭ ކަމަށް މަބްރޫކު ފާހަގަކުރެއްވިއެވެ.