ގޭގައި ތިބެގެން މިވަގުތު ވީހާވެސް ގިނައިން މާސްކް ހެދުމަށާޢި މީހުންނަށް މާސްކް ބެހުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު އިލްތިމާސްކުރައްވައިފިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ލޮކްޑައުންއަށް ލުއިތަކެއް ގެންނަ ވާހަކަ ދައްކާއިރު، ލޮކްޑައުންއިން ނިކުންނަ އިރު މިއީ އެންމެންވެސް ވަރަށް ސަމާލުވާން ޖެހޭ ދުވަސްވަރެއް ކަމަށެވެ.
އެގޮތުން ލޮކްޑައުނަށް ލުއިތަކެއް ދިން ނަމަވެސް، ކޮވިޑަކީ މުޖުތަމައުގައި އުޅޭ ބައްޔެއްކަން ގަބޫލުކޮށް، ގައިދުރު ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އާންމު ސާފުތާހިރުކަމަށްވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން މަބްރޫކު ފާހަގަކުރެއްވިއެވެ.
މަބްރޫކު ވިދާޅުވީ ލޮކްޑައުންއަށް ފަސޭހަތަކަކަށް އަންނަ އިރުގައި އެކަމަށް ތައްޔާރުވުމަށް މިވަގުތު ގޭގައި ލޮކްޑައުންގައި ތިބެގެން މަސައްކަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިވަގުތުގެ ބޭނުން ހިފައިގެން ގޭގައި ތިބެގެން އަމިއްލައަށްވެސް މާސްކު ފެހިދާނެ ކަން މަބުރޫކު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގިނައިން މާސްކު ފެހޭނެ ގޭގެއިން ގިނައިން މާސްކު ފަހައިގެން ގާތްތިމާގެ މީހުނަށާއި އަވަށްޓެރިންނަށް މާސްކު ބެހުމަކީ ކުރުން ރަނގަޅު ކަމެއް ކަމަށް މްބަރޫކު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހެއް އަތުގައިވެސް އެއް މާސްކަށް ވުރެ ގިނައިން މާސްކު އޮތުން މުހިއްމު ކަމަށް މަބްރޫކު ފާހަގަކުރެއްވިއެވެ. އަދި މާސްކު ބޭނުން ކުރުމަށްފަހު އަނެއްދުވަހު ބޭނުން ކުރުމުގެ ކުރިން މާސްކު ދޮވުމަށް މަބުރޫކު ނަސޭހަތްތެރިވިއެވެ.