ކުއްލި ޚަބަރު

މިމަސް ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮންމެވެސް ވަރަކަށް ޓެސްޓުކުރެވޭނެ ވަސީލަތްތައް ހުންނާނެ

އަލީ ޔާމިން

މިމަސް ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮންމެވެސް ވަރަކަށް ޓެސްޓުކުރެވޭނެ ވަސީލަތްތައް ހުންނާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ގިނަ ފެސިލިޓީތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިމަސް ނިމޭއިރު ހުރިހާ ސަރަހައްދެއްގައިވެސް ކޮންމެވެސް ވަރަކަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"މި މަސް ނިމޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކޮންމެވެސް ވަރަކަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ ހުންނާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އޭޑީކޭއިން ގެނައި ޕީސީއާރް މެޝިނުން ޓެސްޓު ކުރަން ފެށިފައިވާ ކަމަށާއި އެ މެޝިނުން ދުވާލަކު 500 ޓެސްޓު ހެދޭނެ ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެނެސްފައިވާ އާ އެކްސްޓްރެކްޝަން މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން ދުވާލަކު 600 ޓެސްޓު އައިީއެމްއެޗުން ވެސް ހެދޭނެ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިތުރު ދެ ޕީސީއާރް މެޝިނެއް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި އެ މެޝިންތައް މިހާރު ހުރީ އިންޑިއާގައި ކަމަށެވެ.

މަބްރޫކް މީގެ ކުރިން ވިދާޅުވީ، ޖީންއެކްސްޕާޓް މެޝިނަށް ލައްވާ 25،000 ކާޓްރިޖް މިމަހުގެ ފަހުކޮޅުގައި ލިބޭނެ ކަމަށާއި އޭރުންވެސް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރެވިގެންދާނެ ކަމަށެވެ.