ކުއްލި ޚަބަރު

މިސްކިތްތައް މާދަމާ ހުޅުވާއިރު، އަމިއްލަ މުސޮއްލަ ގެންދަން ޖެހޭނެ، ދާންވާނީ ގެއިން ވުޟޫ ކޮށްގެން: މިނިސްޓަރު

އަލީ ޔާމިން

މިސްކިތްތައް މާދަމާ ހުޅުވާއިރު، އަމިއްލަ މުސޮއްލަ ގެންދަން ޖެހޭނެ ކަމަށާއި ދާންވާނީ ގެއިން ވުޟޫ ކޮށްގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މޮނީޓަރިންގެ ހާލަތުގައި އަދި ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގައި މާދަމާގެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް މިސްކިތްތައް ހުޅުވާލާއިރު، އަމިއްލަ މުސޮއްލަ ގެންދަން ޖެހޭނެ ކަމަށާއި މިސްކިތަށް ދާންވާނީ ގެއިން ވުޟޫކޮށްގެން ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ ސިއްހީ މާހިރުންގެ ލަފައާއެކު ނިންމެވި ނިންމުމެއް ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކުވެސް މިސްކިތަށް ވަޑައިގަންވާއިރު މުސޮއްލަ ހިފައިގެން މިސްކިތަށް ވަޑައިގެންނެވުމާއި، މިސްކިތުގައި ކާޕެޓު އަޅާފައި ނުބޭއްވުމާއި، ގެއިން ވުޟޫކޮށްގެން އައުމާއި މާސްކުވެސް އަޅައިގެން އައުމަށް އެބޭފުޅުން ލަފާ ދެއްވާފައިވަނީ" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިސްކިތުގައިވެސް ވުޟޫ ކުރެވޭނެ ގޮތާއި ފާހާނާ ކުރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ފަހުގައިވެސް މިސްކިތް މޮޕުލައިގެން ސާފުކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް ހުޅުވާލުމުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ ސާކިއުލާއެއް ކައުންސިލުތަކަށް ފޮނުވާނެ ކަމަށެވެ.