ކުއްލި ޚަބަރު

އިރުޝާދުތަކަށް ތަބާވެގެން އުޅެފި ނަމަ، ލޮކްޑައުން ލުއިކުރިޔަސް ކަންކަން ރަނގަޅަށް ދާނެ: ޑރ. މުރާދު

އަލީ ޔާމިން

އިރުޝާދުތަކަށް ތަބާވެގެން އުޅެފި ނަމަ، ލޮކްޑައުން ލުއިކުރިޔަސް ކަންކަން ރަނގަޅަށް ދާނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ، ބަލި ޖެހިފައިވާ މީހުން މިހާރު ފެންނަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ ވަރަށް ބޮޑުތަން މަދުން ކަމަށާއި އެހެންކަމުން ލޮކްޑައުންއަށް ލުޔެއްދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ، ލޮކްޑައުން ލުއިކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި ލޮކްޑައުން ލުއިކުރުމަށް ކުރާ ކަންކަމުގައި ހަގީގީ ކާމިޔާބީއެއް ލިބޭނީ އަޅާ ފިޔަވަޅުތަކަށް އާންމު ރައްޔިތުންވެސް އަމަލުކޮށްގެން ކަމަށެވެ. އެގޮތުން އިރުޝާދުތަކަށް ތަބާވެގެން އުޅެފިނަމަ ލޮކްޑައުން ލުއިކުރިޔަސް ކަންކަން ދާނީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

"ފަރުވާގެ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ކޮންޓްރޯލް ގޮތެއްގައި ގެންދެވޭނީ ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް ވީހާވެސް ކޮންޓްރޯލް އަދަދެއްގައި ބެހެއްޓިގެން. ކޮންޓްރޯލް އަދަދެއްގައި ބެހެއްޓޭނީ ލޮކްޑައުން ލުއިކުރާއިރުގައި އަޅުގަނޑުމެން އެދޭ އިރުޝާދުތަކަށް އާންމު ރައްޔިތުން ބޯ ލަނބާ މިންވަރަކުން،" ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ، ލޮކްޑައުން ލުއިކުރާ ދުވަސްކޮޅު ބަލި ޖެހޭ މީހުން ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ލޮކްޑައުން ލުއިކުރިޔަސް ގައިދުރުކަން އިހުތިޔާރުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އިއްޔެ ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ 28ގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.