ކުއްލި ޚަބަރު

ލޮކްޑައުންއަށް ލުއި ދޭއިރު، އިތުރު ކޭސްތަކެއް ފެނިދާނެކަމަށް ބެލެވޭ، އެކަމަށް ރައްޔިތުން ސަމާލުވާން ޖެހޭނެ: ޑރ. މުރާދު

އަލީ ޔާމިން

ލޮކްޑައުންއަށް ލުއި ދޭއިރު، އިތުރު ކޭސްތަކެއް ފެނިދާނެކަމަށް ބެލެވޭ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ބަލި ޖެހޭ މީހުން މިހާރު ފެންނަމުންދަނީ އަންދާޒާކުރި ވަރަށް ވުރެ ވަރަށް ބޮޑުތަން މަދުން ކަމަށެވެ. އެހެންކަމުން ކޮންމެވެސް ހިސާބަކުން ލޮކްޑައުންއަށް ލުޔެއް ދޭން ޖެހޭކަން ގަބޫލު ކުރާ ކަމަށާއި، އެގޮތުން ހާއްސަ ފިޔަވަޅުތަކާއެކު ފިޔަވަހިތަކަށް ބަހާލައިގެން ލޮކްޑައުން ނިމުމަކަށް ގެންނަން މަޝްވަރާކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ކޮންމެވެސް ހިސާބަކުން ލޮކްޑައުންއަށް ލުޔެއް ދޭން ޖެހޭކަން އަޅުގަނޑުމެންނަށްވެސް ގަބޫލުކުރެވޭ. އަޅުގަނޑުމެންނަށް އަބަދު މިހެން ލޮކްޑައުންގައި ނުތިބޭނެ. އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ހިސާބަކުން ފިޔަވަޅުތަކާއި ލޮކްޑައުންއަށް ދޫ ދެމުން ގެންދަން. އެހެންކަމުން އެގޮތުގެ މަތިން އަޅުގަނޑުމެންގެ ޑިސްކަސަންތައް ކުރިއަށް އެބަ ގެންދަން،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، ލޮކްޑައުންގެ ހާލަތުން ލުޔެއް ދިންނަމަވެސް އޭގެ މާނައަކީ ބަލީގެ ނުރައްކާ އެއްކޮށް ކެނޑިގެން ދިޔައީ ނޫން ކަމަށާއި، ބަލީގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. އެގޮތުން ލޮކްޑައުންއަށް ލުއިދޭއިރު އިތުރު ކޭސްތަކެއް ފެނިދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ބަލީގެ ނުރައްކާ އަދިވެސް އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރަން ލޮކްޑައުނުން ލުއިކުރާއިރު ނުވަތަ މީހުން ބޭރަށް ނުކުމެ އުޅޭއިރުގައި ކޮންމެވެސް ވަރަކަށް ކޭސް އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް. އެ އަންދާޒާވެސް އަޅުގަނޑުމެންގެ ވެސް އެބަހުރި" ޑރ. މުރާދު ވިދާޅުވިއެވެ.

ރޭ ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ 28ގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ލޮކްޑައުންއަށް ލުއިތަކެއް ދެއްވާނީ، ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދާއެކުގައި ކަމަށެވެ.

މިމަހުގެ 28ގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާއިރު، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، ލޮޑްކައުން އަދި މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 15 ދުވަހު މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު މާލެ ވަނީ ލޮކްޑައުންކޮށްފައެވެ. ކޮންމެ ދެ ހަފުތާއަކުން ލޮކްޑައުންގެ މުއްދަތު އިތުރުކުރަމުން އައިސް މިމަހުގެ 28އާ ހަމައަށްވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. މާލެ ލޮކްޑައުންކުރިތާ ދެ ދުވަހެއްގެ ތެރޭގައި މުޅި ރާއްޖެވެސް ލޮކްޑައުންކޮށް ޒަރޫރީ ހާލެއްގައި މެނުވީ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރެވުނެވެ.

މާލޭގެ އިތުރުން މިހާތަނަށް ބަލި ޖެހިފައިވާ މީހުން ފެނިފައިވަނީ މަދު ރަށަކުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ށ. ނަރުދޫއިންނާއި ނ. މަނަދޫއިންނެވެ.