ކުއްލި ޚަބަރު

ކޮވިޑަށް ނެގެޓިވް ވެފައިވަނިކޮށް މަރުވި މަނަދޫ މީހާގެ ސީރިއަސް އެހެން މައްސަލަތަކެއްވެސް ހުރި: ޑރ. މުރާދު

އަލީ ޔާމިން

ކޮވިޑަށް ނެގެޓިވް ވެފައިވަނިކޮށް މަރުވި މަނަދޫ މީހާގެ ސީރިއަސް އެހެން މައްސަލަތަކެއްވެސް ހުރި ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، މިއަދު މަރުވި 80 އަހަރުގެ މީހާއަކީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވުމަށް ފަހު ބަލިން ރަނގަޅުވި މީހެއް ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ، އެމީހާ ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދިން އިރުވެސް ކޮވިޑުގެ ސީދާ އަލާމާތްތައް ނުފެންނަ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ ކޮވިޑުން ރަނގަޅުވުމަށް ފަހު ދިމާވި ސިއްހީ އެހެން މައްސަލަތަކަކަށް ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ އެ ބަލިމީހާ މަރުވެފައިވަނީ އޭގެ ފަހުން ދިމާވި ސިއްހީ އެހެން މައްސަލަތަކެއްގައި ފަރުވާދެމުން ދަނިކޮށްކަން. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ބާއްވައިގެން އަޅުގަނޑުމެން ފަރުވާ ދިނީ ކޮވިޑް 19ގެ ޓެސްޓު ޕޮޒިޓިވްކޮށް ލިބިފައި ހުރީމަ. ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާދިންއިރު އަޅުގަނޑުމެންނަށް އޭނަގެ ފަރާތުން ކޮވިޑް 19ގެ އެއްވެސް ސީދާ އަލާމާތްތައް ފެނިފައެއް ނުވޭ." ޑރ. މުރާދު ވިދާޅުވިއެވެ.

މިއަދު މަރުވެފައިވަނީ މަނަދޫން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެން މީހާއެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިރޭގެ ވަގުތެއްގައެވެ.

އެ އަންހެންް މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭނާގެ ބަނޑުގައި ރިއްސާތީ ރަށުން އައިޖީއެމްއެޗަށް ގެނެސް ޓެސްޓް ކުރުމުންނެވެ. އޭނާއާ ކޮންޓެކްޓުވި ގިނަ ބަޔަކު މަނަދޫން ޓެސްޓުކޮށް އޭގެ ތެރެއިން ނުވަ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާލެ ފިޔަވައި އެންމެ ގިނަ މީހުން ޕޮޒިޓިވްވިވެފައިވަނީ މަނަދޫންނާއި ށ. ނަރުދޫންނެވެ.

ރާއްޖެއިން ކޮވިޑު ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ހަތަރު މީހެކެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި، ބަންގްލަދޭޝްގެ ޒުވާނެކެވެ.