ކުއްލި ޚަބަރު

ލޮކްޑައުންގެ ހާލަތު ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފި

ލޮކްޑައުންގެ ހާލަތު ނެތް ރަށްރަށުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުން ރަނގަޅު ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.

"މިހާރު ލޮކްޑައުންގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށްޓަކައި ސަރުކާރުން މިވަނީ ވާހަކަދެކެވި، ނިންމާފައި. މިކަމާ ވިދިގެން އަޅުގަނޑުމެން މިއަދު ޑޮކްޓަރުންނާ އެކީގައި މަޝްވަރާކުރިން މިސްކިތުގެ ޖަމާއަތް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭނީ ކިހިނެއްތޯ. އެބޭފުޅުން ލަފާ ދެއްވަނީ މިސްކިތުގެ ޖަމާއަތް ހުޅުވާލެވިދާނެއޭ، އެކަމަކު މިސްކިތުގެ ޖަމާއަތް ހުޅުވާލާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ޖެހެއޭ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކީގައި މިސްކިތް ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ކުރުން ހުޅުވާލުން އެންމެ ރަނގަޅުކަމަށް. ރައްކާތެރިކަމުގެ ފިޔަވަޅާއެކީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ މާދަމާ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުންކޮށް މޮނީޓަރިންގެ ހާލަތް ނެތް ރަށްރަށުގައި މިސްކިތުގެ ޖަމާއަތް ފަށަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިިއުމަށާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށާއި، ރޯގާ ޖެހި ކިނބިހި އަޅާ މީހެއް ވެއްޖެއްޔާ މިސްކިތަށް ނުދިއުމަށާއި، މިސްކިތުގައި މާގިނަ ވަގުތުތައް ހޭދަނުކުރުމާއި، ކޮންމެ މީހަކު ވެސް މިސްކިތަށް ދާއިރު ސޮއްލަ ހިފައިގެން މިސްކިތަށް ދިއުމަށާއި، މިސްކިތުގައި ކާޕެޓު އަޅާފައި ނުބޭއްވުމަށް ވެސް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.

"މިސްކިތަށް ވަޑައިގަންނަވާ އިރު މާސްކު ވެސް ބޭނުންކުރުން އެއީ އެބޭފުޅުން ދެއްވާފައިވާ ލަފައެއް. މި ރައްކާތެރިކަމުގެ ފިޔަވަޅާއެކީގައި އަޅުގަނޑުމެން މި ގަސްތުކުރަނީ މާދަމާ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުންކޮށް މޮނީޓަރިންގެ ހާލަތް ނެތް ރަށްރަށުގައި މިސްކިތުގެ ޖަމާއަތް ފަށަން." މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމުން މިސްކިތުގެ ޖަމާއަތް ފުރަތަމަ މެދުކަނޑާލާފައިވަނީ މާލެ ސަރަހައްދުގައެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާލިއެވެ. އަދި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ހުރިހާ ރަށެއްގައި ވެސް މިސްކިތުގެ ޖަމާއަތް މެދުކަނޑާލިއެވެ.