ރަށްރަށަށް ފޮނުވަން ޖެހޭ މީހުންގެ ތެރޭން 1100 އަށްވުރެ ގިނަ މީހުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވައިފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރު ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ރަށްރަށަށް ފޮނުވަން ޖެހޭ 1145 މީހަކު މިހާރު ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށެވެ.
"މި ފުރަބަންދާ ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތްތަކަށް ބަލައިލާ އިރު، މިހާރު ޖުމުލަ 1145 މީހަކު ވަނީ ޓްރާންސިޓް ފެސިލިޓީތަކަށް ގެންދެވިފައި." އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ފުރަބަންދުކުރުމުގެ ސަބަބުން، މާލޭގައި ތާށިވި މީހުންގެ ތެރޭގައި ހިމެނޭ ރަށްރަށަށް ދާން ޖެހޭ މީހުންގެ ތެރެއިން 1078 މީހަކު ކަރަންޓީނަށް ފޮނުވިއްޖެ ކަމަށާއި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ފޮނުވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުން ތިބި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ. އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ." ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.