ކުއްލި ޚަބަރު

އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓުކުރާ އިތުރު ޕީސީއާރް މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓުކުރާ އިތުރު ޕީސީއާރް މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ މެޝިން ބެެހެއްޓުމުގެ މަސައްކަތް ނިމުމުން ދުވާލަކު 600 ޓެސްޓު ހެދޭނެ ކަމަށެވެ.

"ޓެސްޓިން ކެޕޭސިޓީއަށް ބަލާ އިރުގައި އައިޖީއެމްއެޗްގެ އާ އެކްސްޓްރެކްޝަން މެޝިން މިހާރު އައިޖީއެމްއެޗްގައި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މިމަސައްކަތް ނިމުމާ އެކީގައި ޕީސީއާރް ޓެސްޓިންގެ އަދަދުތައް ދުވާލަކު 600 ޓެސްޓު ހެދޭ ވަރަށް ގެންދެވޭނެ ކަމަށް އެބޭފުޅުން މައުލޫމާތުދެއްވާ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އޭޑީކޭއަށް ގެނައި ޕީސީއާރް މެޝިނުން ވެސް ޓެސްޓުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެ މެޝިނުން ދުވާލަކު 500 ޓެސްޓު ހެދޭނެ ކަމަށެވެ. އަދި ފުލުހުންގެ މެޝިނުން ދުވާލަކު 145 ޓެސްޓު ހެދޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އިތުރު ދެ ޕީސީއާރް މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދެ މެޝިން މިހާރު ހުރީ އިންޑިއާގައި ކަމަށް މަބްރޫކު ވިދާޅުއެވެ. އަދި އެ ދެ މެޝިން ވެސް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ ގެނެވޭނެކަން ވެސް މަބްރޫކު ފާހަގަކުރެއްވިއެވެ.