ހުޅުމާލޭގައި ހަދާ 300 އެނދުގެ އައިސީޔޫ ފެސިލިޓީއަށް ބޭނުންވާ ހުރިހާ އެނދެއް، އަދި ވަސީލަތުގެ ބޮޑުބައެއް ލިބިއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތަކުގެ ތެރެއިން ބާކީ ނުނިމި ހުރި މައިގަނޑު މަސައްކަތަކީ ލިފްޓެއް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
"ހުޅުމާލެ މެޑިކަލް ފެސިލިޓީ، 300 އެނދުގެ ފެސިލިޓީގެ ބާކީ ނުނިމި މިހާރު ހުރި މައިގަނޑު ބޮޑު މަސައްކަތަކަށް ހުރީ އެތަނުގައި ހަރުކުރަން ޖެހޭ ލިފްޓެއް ހަރުކުރުމުގެ މަސައްކަތް. އެ ލިފުޓު އެޓޭޗްވަނީ ބިލްޑިންގެ ބޭރުން. ހަރުކުރުމުގައި ބައިވަރު ވެލްޑިންގެ މަސައްކަތްތަކެއް ކުރޭ. މިކަންތައްތަކަކީ ވިއްސާރައާ ހެދި މަޑުޖެހިފައި ހުރި މަސައްކަތްތައް. މޫސުން ތަންދޭހާ އަވަހަކަށް އެ މަސައްކަތަށް އަލުން ފެށުމަށް އޮތީ ރޭވިފައި. އެނޫން ހުރިހާ މަސައްކަތެއް ނިމިފައި. އެތަނަށް ބޭނުންވާ އެނދުތައް ވެސް އެތަނަށް ވެއްދިފައި. މެޑިކަލް އިކުއިޕްމަންޓު ވެސް ހުރީ ވެއްދިފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އައިސީޔޫ ފެސިލިޓީތަކަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދެއް މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީޕީއީ ހުންނާނެ ކަމަށާއި ޕީޕީއީގެ ސްޓޮކް އިތުރުކުރުމަށްޓަކައި މިހާރު ހެލްތު މިނިސްޓްރީގެ ފަރާތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.