އޭޑީކޭގައި ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިވާ ކަމަށާއި ދުވާލަކު 500 ޓެސްޓު ހަދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އޭޑީކޭގެ މެޝިނުން ދުވާލަކު 500 ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.
"މީގެ އިތުރުން އޭޑީކޭގައި ޓެސްޓުކުރަން ފެށިއްޖެ. އެބޭފުޅުންގެ އަންދާޒާއަކީ ދުވާލަކު 500 ޓެސްޓު އެބޭފުޅުންނަށް ހެދޭނެ ކަމަށް. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އޭގެ އިތުރުން ޕޮލިހުން ވެސް ޓެސްޓިންގެ މަސައްކަތްކުރައްވާ. އެބޭފުޅުންނަށް 145 ޕީސީއާރް ޓެސްޓު ދުވާލަކު ހެދޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އައިޖީއެމްއެޗްގެ އާ އެކްސްޓްރެކްޝަން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން ދުވާލަކު 600 ޓެސްޓު ހެދޭނެ ކަމަށެވެ. އަދި އިތުރު ދެ ޕީސީއާރް މެޝިނެއް އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އޭގެ އިތުރުން އަޅުގަނޑުމެން މިހާރު ގަންނަން މަސައްކަތްކުރާ އިތުރު ޕީސީއާރް މެޝިނުގެ ތެރެއިން ބަޔޯފަޔާގެ ދެ މެޝިން މިހާރު ހުރީ ޓްރާންސިޓްގައި އިންޑިއާގައި. އެ ދެ މެޝިން ބޭނުންކުރާނީ ޓްރީޓޮޕް ހޮސްޕިޓަލުގައާއި އައިޖީއެމްއެޗްގައި. މި ދެ މެޝިން މިއަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް އަންނާނެ." އޭނާ ވިދާޅުވިއެވެ.