ޑުބާއީން އިތުރު 10 ވެންޓިލޭޓަރު މިއަދު ގެނެސްފައިވާ ކަމަށާއި މިހާރު ރާއްޖޭގައި 129 ވެންޓިލޭޓަރު އެބަހުރި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ޑުބާއީން ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކުގެ ތެރެއިން ދިހަ ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
"ޑުބާއީން އަޅުގަނޑުމެން ގެންނަން މަސައްކަތްކުރަމުންދާ ވެންޓިލޭޓަރުގެ ތެރެއިން ދިހަ ވެންޓިލޭޓަރެއް މިއަދު އައިސްފައިވޭ. މިއާއެކީ ޖުމުލަ ރާއްޖޭގައި މިވަގުތު ހުރި ވެންޓިލޭޓަރުތަކުގެ އަދަދަކީ 129،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އައިސީޔޫ ފެސިލިޓީތަކަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދެއް މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީޕީއީ އެބަހުރި ކަމަށާއި ޕީޕީއީގެ ސްޓޮކް އިތުރުކުރުމަށްޓަކައި މިހާރު ހެލްތު މިނިސްޓްރީގެ ފަރާތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.