ކުއްލި ޚަބަރު

ރާއްޖޭގައި ފަރުވާދެމުންދިޔަ އިތުރު 13 މީހަކު ކޮވިޑުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 104 އަށް

ރާއްޖޭގައި ފަރުވާދެމުންދިޔަ އިތުރު 13 މީހަކު ކޮވިޑުން ރަނގަޅުވެ ބަލީން ފަސޭހަވީ މީހުންގެ އަދަދު 104 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިވަގުތު ކޮވިޑަށް ފުރަވާދެމުން އަންނަނީ 1106 މީހަކަށް ކަމަށެވެ.

"104 މީހެއް މިވަނީ މި ބައްޔަށް ބޭސްކުރެވި، ﷲގެ ރަހުމަތުން ޝިފާ ލިބިފައި. މި ބައްޔަށް ބޭސްކުރެވެމުންދާ 1106 މީހަކު މިވަގުތު ވެސް އެބަތިބި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރޭގެ 12:00 އިން ފެށިގެން އިތުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު 352 ސާމްޕަލެއް ނެގިފައިވާ ކަމަށާއި ނަތީޖާ ނުލިބި 195 ސާމްޕަލެއް އެބަހުރި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

"ރޭގެ 12:00 އިން ފެށިގެން މިހާތަނަށް އައި އިރުގައި 352 އިތުރު ސާމްޕަލެއް މިވަނީ ނެގިފައި. އަދި ނެގުނު ސާމްޕަލްތަކާއެކީ ޖުމުލަ ލިބިފައިވާ ނަތީޖާތަކަށް ބަލައިލާއިރު، 21 އާ ޕޮޒިޓިވް ކޭސްއެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަވޭ. ނަތީޖާ ނުލިބި މިވަގުތު 195 ސާމްޕަލެއް އެބަހުރި. ރޭގެ 12:00 އިން ފެށިގެން މިހާތަނަށް އައި އިރުގައި ލެބޯޓަރީން ޓެސްޓި ކުރެވި ނަތީޖާ ލިބިފައިވަނީ 495 ސާމްޕަލެއްގެ." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަަނަށް 1216 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.