މާރިޔާ އަހްމަދު ދީދީ

ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވެއްޖެ

4

ރާއްޖޭގެ ސްކޫލު ތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭ ދުވަސްވަރު ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ އެހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ސްކޫލު ތަކުގެ ބޮޑު ޗުއްޓީ މިހާރު ދިމާވާތީ ބޮޑެތި އުނދަގޫތަކެއް އެބަހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެ ގޮތުން ބަލިވެގެން ބޭރަށް އާއިލާއާ އެކު ބޭސްފަރުވާށް ދިއުމާއި އާއިލާ ކައިރިޔަށް ދަތުރު ކުރުމާއި ޗުއްޓީ ހޭދަ ކުރުމަށް ތަނަކަށް ދާން ބަލާ އިރު ވެސް ބޮޑެތި އުނދަގޫތައް މިހާރު އޮންނަ ގޮތުން ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ސްކޫލުތަކުގެ ބޮޑު ބަންދު މި ދިމާވަނީ ހުރިހާ ކަމެއްވެސް އެންމެ އަގު ބޮޑު ދުވަސްވަރާ. ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ދާން ބެލިޔަސް، އާއިލާއާ އެކު ޗުއްޓީއަކަށް ދާން ބެލިޔަސް، އަދި ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުކުރަން ބެލިޔަސް ވަރަށް އަގުބޮޑު ދުވަސްވަރަކަށް ޗުއްޓީ މި ދިމާވަނީ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މިހާރު ދިވެހީންގެ ވެސް ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ރާއްޖޭން ބޭރަށާއި ރާއްޖޭގެ އެއްރަށުން އަނެއް ރަަށަށް ވެސް އާއިލާ ގޮވައިގެން މުޅި އާއިލާ އެކުގައި ދަތުރުކުރުމަކީ އާދައެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު މިލިބޭ ސްކޫލު ބޮޑު ޗުއްޓީގައި ރާއްޖޭގެ ހުރިހާ ރިސޯޓު ތަކާއި ގެސްޓް ހައުސްތައް ވެސް ހުންނާނީ ފުލްކޮށް ކަމުން އެ ފުރުސަތު ގެއްލިގެންދާ ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ޓޫރިޒަމްގެ ބޮޑެތި މާކެޓުތަކުގެ ތެރޭގައި ޔޫރަޕްގެ މާކެޓުތައް ވެސް ހިމެނޭ އިރު، ރާއްޖޭގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރަށް ބަދަލު ގެނައުމުން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ސަމާ އެކްސްޗޭންޖް ޕްރޮގްރާމްތައް ފަދަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެ ކަމަށެވެ.

"ޔޫރަޕްގެ ގައުމު ތަކުގައި ސަމާގައި ވަރަށް ގިނަ ވާނެ ކުދިކުދި އެކި ކަހަލަ ކޯސްތައް ވެސް. އޭގެ ތެރޭގައި ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ލޭންގުއޭޖް ކޯސްތައް ފަދަ ކޯސްތައް ވެސް ވަރަށް ގިނަ ވާނެ. މިފަދަ ގިނަ ފައިދާތަކެއް ހުންނާނެ ކަމަށް އަޅުގަނޑަށް ވިސްނެނީ." މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟