މުވައްޒަފުންގެ މުސާރައާއި އިނާޔަތް ކަނޑައެޅުން ނުވަތަ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ ގާނޫނީ އެއްވެސް ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ކަނޑައެޅުމުގެ ބާރަކީ ދައުލަތުގެ މުސާރައިގެ ސިއާސަތުގެ ގާނޫނުގެ ދަށުން އުފެދިފައިވާ "ނެޝަނަލް ޕޭ ކޮމިޝަން" އަށް އޮންނަ ބާރެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކަނޑައެޅުމާއި މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމަކީ އެ ކޮމިޝަންގެ ބާރުގެ ދަށުގައި އޮންނަ ކަންކަމެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އެކޮމިޝަނުން ކުރާ މަސައްކަތްތަކުގެތެރޭގައި ސިވިލްސާވިސްގެ މުވައްޒަފުންގެ ހައްގުގައި މަގާމުތަކުގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް، ނެޝަނަލް ޕޭ ކޮމިޝަނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ސީއެސްސީން ބުނެ އެވެ.
"ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުން ނުވަތަ އެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، ގާނޫނީގޮތުން ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވެއެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކޮމިޝަނުން ބުނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތާއި ގުޅިގެން އިތުރުގަޑީގެ ފައިސާގެ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސިވިލް ސާވިސް ކޮމިޝަނަށް ފާޑުކިޔަމުން ކަމަށެވެ. އަދި ކޮމިޝަނަށް ގާނޫނުން ލިބިދީފައި ނުވާ ބާރުތަކެއް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ވެސް ގޮވާލަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް މީޑިއާތަކުން، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ، ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންގެންދާ ކަންތައްތަކެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް މައުލޫމާތު ފަތުރަމުންދާ ކަމަށް ސީއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑި ކަނޑައެޅުމުގެ ގާނޫނީ ބާރެއް ވެސް އެކޮމިޝަނަށް ލިބިގެން ނުވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން، އިތުރު ގަޑި ނުހިމެނޭގޮތުން މުވައްޒަފަކު ލައްވައި ހަފްތާއެއްގެ ތެރޭގައި 48 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް މަސައްކަތް ކުރުވިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ވަޒީފާއާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި މުވައްޒަފަކު ލައްވައި ދުވާލަކު މަސައްކަތްކުރުވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ މިނިސްޓަރަށް ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ގަޑިއާއި މަސައްކަތް ކުރަންޖެހޭ ރަސްމީ ދުވަސްތައް އަބަދުވެސް ކަނޑައަޅަނީ ސަރުކާރުން ކަމަށާއި ސަރުކާރުން ކަނޑައަޅާ ގަޑިތަކެއްގައި، ކަނޑައަޅާ އުސޫލަކުން މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަނީ ސީއެސްސީން ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން ދޮގު ހަބަރުތައް ނުފެތުރުމަށާއި، ކަމުގެ ދެކޮޅު ބަލައި ފުރިހަމަ ހަގީގަތް ސާފުކުރުމަށްފަހު ހަބަރު ފެތުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފައެވެ.